2026 ވަނަ އަހަރުގެ 'ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް' އަދި 'އީކޯ އެކްސްޕޯ އޭޝިއާ ކޮންފަރެންސް' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ހޮންކޮންގްގައި ބޭއްވުނު މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރ އޮފް ސްޓޭޓް އައިޝަތު އިނާޔާ އާއި ޑެޕިއުޓީ މިނިސްޓަރ އަލީ ނާސިރެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ކޮންފަރެންސްއަކީ، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެކި ފަރާތްތަކާ ގުޅުންބަދަހިކޮށް، ޚިޔާލު ބަދަލުކޮށް، އަދި އެއްބާރުލުމުގެ ފުރުސަތުތައް ހޯދުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު މަންސައެއް ކަމަށެވެ. ޚާއްސަކޮށް ގްރީން އިންނޮވޭޝަން، ތިމާވެށި ރައްކާތެރިކުރުން، ކްލައިމެޓް އެކްޝަން، އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން އާ ހައްލުތަކާއި މަޝްރޫޢުތަކަށް މަގުފަހިކުރުމަށް މި ބައްދަލުވުންތަކުގެ ސަބަބުން ބޮޑެތި ފުރުޞަތުތަކެއް ލިބިގެންދިޔަކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ދިވެހިރާއްޖެއަކީ ތިމާވެށީގެ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ޤައުމެއް ކަމުގައިވާއިރު، މިފަދަ ބައިނަލްއަޤްވާމީ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.