މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު އުވާލަން ސަރުކާރުން ހުށަހެޅި ހުށަހެޅުން ބަލައިގަނެ އަލުން ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ މަޖިލީހަށް މި ހުށަހެޅުން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީއެވެ. އަދި އެ ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ.
މި ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ބަދަލު ގެންނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހެވެ. އެއަށްފަހު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަށް އަމަލުކުލަރަން ފެށީ ޓުއާ އޮޕަރޭޓަރުންނާއި ކަމާ ގުޅުންހުރި ޖަމިއްޔާތަކުން އެ ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާދުކިޔަމުން ދިޔަ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން މިއަދުގެ މަޖިލީހުގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްޞީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު، އެ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާސްވެފައެއް ނުވެއެއެވެ.
އެގޮތުން އެ ޤަރާރު ބަލައިގަތުމަށް 10 މެމްބަރުން އަދި ބަލައި ނުގަތުމަށް 45 މެމްބަރުން ވޯޓުދެއްވިއެވެ.
މިއަދުގެ މަޖިލީހުގައި ވަނީ 11 ޑިސެންބަރު 2025 ގައި، މަސްވެރިން ކުރަމުންދިޔަ މުޒާހަރާއެއްގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ، އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅައި، އެ ރިޕޯޓުގެ ބަޙުސްވެސް ކުރިއަށްގެންގޮސްފައެވެ.
އެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައި ވަނީ، 46 މެމްބަރުންގެ ވޯޓާއެކުގައެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަކަމަށް 10 މެމްބަރުން ވޯޓުދެއްވިއެވެ.