ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އެމްޑީ ޖިހާދު ބިން އަރީފް އާއި، އުމުރުން 41 އަހަރުގެ އެމްޑީ މިޒަންނޫރު ރަހްމާން އާއި، އުމުރުން 30 އަހަރުގެ މިރްޒާ އަލް އަމީން އަދި އުމުރުން 21 އަހަރުގެ އެމްޑީ އަރްމާން އަލީ އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގަކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި ދެންތިބި ތިންމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.