ސީދާ ރައްޔިތުންނާ ގުޅުންހުރި ޓެކްސް ކަމުގައިވާ ޖީއެސްޓީ ބޮޑުކުރީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން މަމްދޫހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރީ، މާލީ އިދާރާތަކުން ލޯނު ނެގުމަށް ރާއްޖެއަށް އޮތް ހުރިހާ ދޮރެއް ބަންދުވުމުން ކަމަށެވެ.

" 2023 ވަނަ އަހަރު ދިވެހި ރާއްޖޭގައި މިހިރަ ތަފާތު ޓެކްސްތައް ޓިޖީއެސްޓި، ޖީއެސްޓި، ބީޕީޓީ، ވިތު ހޯލްޑިން ޓެކްސް މިގޮތައް މިހުރި ތަފާތު ޓެކްސް ތަކުގެ ތެރެއިން އާންމު ފަރުދުންނަށް އެންމެ ބޮޑަށް ގުޅޭ އެއް ޓެކްސް އަކީ ޖީއެސްޓީ. 2023 ވަނަ އަހަރުގެ ޖެނުއަރީ 1 ގަ ދިވެހި ރާއްޖޭގެ ތާރީހުގަ އެކި ވެރިކަންތަކުގަ ދައުލަތަށް އާންމްދަނީ އިތުރުކުރަން ކުރެވުނު މަސައްކަތުގެ ތެރެއިން ސީދާ ރައްޔިތުންނާ ގުޅުން ހުރި ޓެކްސް އެއް ބޮޑުކުރެވިގެން ދިޔައީ 2023 ވަނަ އަހަރު ނިމިދިޔަ ސަރުކާރުގަ."

ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު

އިދިކޮޅު އެމްޑީޕީން އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ދައްކާ އެންމެ ބޮޑު ވާހަކައަކީ، މި ސަރުކާރުން ރައްޔިތުންނަށް ދަތިވާގޮތަށް ސިޔާސަތުތައް ބައްޓަންކުރާ ވާހަކަކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ކުރީގެ އެމްޑީޕީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރީ، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ހަމަޖައްސާނެ އެއްވެސް ގޮތެއް ނެތިގެން ކަމަށް މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ދައުރު މި ހިސާބަށް އައިރުވެސް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އާންމު ރައްޔިތުންނާ ގުޅުންހުރި އެއްވެސް ޓެކްސްއެއް ބޮޑުކޮށްފައި ނުވާކަމަށެވެ.

މީގެ އިތުރުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިހާރު ގެނެވޭ ބަދަލާއެކު ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ވެސް މަމްދޫހު ވަނީ ވިދާޅުވެފައެވެ.