އަންނަ ބުދަ ދުވެހުގެ ކުރިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް، އެ ފައިސާ މާރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ބަޔާނުގައިވަނީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް އެ މަހެއް ނިމި ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ. ސުންގަޑި ހަމަވާއިރު މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް އެއްއެމްއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހާމަކުރަމުން ގެންދާނެ ކަމުގައިވެސް އެމްއެމްއޭއިން އެ ބަޔާނުގައި ބުނެފައިވެއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަށް ޖަމާކުރުން ލާޒިމްވާ ފަރާތްތަކާއި، ބޭރު ފައިސާއިން ލިބޭ އާންމުދަނީ މާރު ކުރަންޖެހޭ ފަރާތްތަކުގެ މިންްގަނޑު މުރާޖާކޮށް، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފަވެ.

އެ އިސްލާހުގައިވާ ގޮތުގައި ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި، ބޭރު ފައިސާ މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ. މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.

ފައިސާ ޖަމާކުރާ ބޭންކު އެކައުންޓް ވާންވާނީ، އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. އެގޮތުން ފައިސާ ޖަމާކުރާ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން، އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި އިސްލާހުގައި، ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.