ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ އުމުރުން 62 އަހަރުގެ އަޙްމަދު ނަޞީރު އެވެ.
ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ރާއްޖެއައި އިރު ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 427 ގުރާމު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އަހްމަދު ނަސީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.