މީރާއަށް ދައްކަންޖެހޭ ފައިސާ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސަވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއާ އަޅައިކެނޑުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެ އިދާރާއިން އާންމުކޮށްފި އެވެ.

މިއީ މީރާއަށް ދައްކަންޖެހިފައިވާ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ މީރާއަށް ދެއްކުމުގެ ގޮތުން، ފައިސާ ދައްކަން ޖެހޭ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެކެވެ.

މި އުސޫލުގެ މަގުސަދަކީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދެއްކުމުގެ ގޮތުން، އެ ފަރާތަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖެއްސައިދިނުމުގައި އަމަލުކުރާނެ އާންމު އުސޫލެއް ކަނޑައެޅުމެވެ.

މީރާއަށް ފައިސާ ދައްކަންޖެހިފައިވާ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފައިސާ ނުލިބިވާ ނަމަ، ނުލިބިވާ ފައިސާއާއި އެ ފަރާތުން މީރާއަށް ދައްކަންޖެިފައިވާ ފައިސާއާ އަޅައިކަނޑައިދިނުމަށް އެދި ހުށަހެޅިދާނެއެވެ.

އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާއަކުން ލިބޭން ޖެހޭ ފައިސާއެއް ނަމަ އެކަން ކަށަވަރުކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށާއި ސަރުކާރު ކުންފުންޏަކުން ލިބޭން ޖެހޭ ފައިސާއެއްނަމަ އެކަން ކަށަވަރުކުރާނީ ސީދާ އެ ކުންފުންޏަކުންނެވެ.

މި އުސޫލުގެ ދަށުން ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ 904 MIRA ފޯމު މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް އެދެނީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއަކާނަމަ، އަޅައިކެނޑުމަށް އެދޭއިރު، އެ ފައިސާގެ ތަފްސީލް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ އަދަދުތަކުގެ ސައްހަކަން، މީރާއިން އެ ފައިސާއެއ ނިސްބަތްވާ ސަރުކާު ހިއްސާވާ ކުންފުނި މެދުވެރިކޮށް ކަށަވަރުކުރަންވާނެ ކަމަށް މީރާއިން ބުނެފައިވެއެވެ.

މީރާއިން މައުލޫމާތު ދިން ގޮތުގައި، ދައްކަންޖެހިފައިވާ ފައިސާ އަޅައިކަނޑަންވާނީ ނުދައްކައިވާ ފައިސާގެ ތަރުތީބުން އެ ފަރާތުން ދައްކަންޖެހިފައިވާ ޕްރިންސިޕަލް އަދަދު، އެއަށްފަހު ޖޫރިމަނާ، އެއަށް ފަހު އިންޓްރެސްޓް ކަމަށެވެ. ނަމަވެސް ދައްކަންޖެހި ނުދައްކައިވާ ޕްރިންސިޕަލް އަދަދެއް ނެތްނަމަ، ސުންގަޑި ހަމަނުވާ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އަދަދުވެސް އަޅައިކަނޑައިދެވިދާނެވެ.