ރައްޔިތުން ޕެނެޑޯލު ގުޅައަކަށް ޖެހިފައިތިބި ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ އާއި ވަޒީރުންގެ ކާރު އެލަވެންސް ބޮޑުކުރުމަކީ ލަދުވެތިކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު، މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވަނީ، އިގްތިސާދީގޮތުން ގައުމުއަދަ ވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގައި ނުވެފައި އޮތްކަމަކީ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުންތޯ ސުވާލުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށްރަށުގެ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާތެރޭގައެވެ.
އެ ކޮމިޓީން އިތުރަށް ނިންމާފައި ވަނީ ވަޒީރުންނަށް ޑްރައިވާސް އެލަވެންސްގެ ގޮތުގައި ލިބޭ އަދަދު 17،000ރ. އަށް ބޮޑުކުރުމަށެވެ. އެ ބައްދަލާއެކު ސަރުކާރު މިނިސްޓަރުންގެ މުސާރަ އާއި އިނާޔަތްތަކާއެކު 75،000ރ. ލިބޭނެ އެވެ.
އެހެން ކަމުން އިދިކޮޅު އެމްޑީޕީ މެމްބަރުން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެ އެކަމާ ދެކޮޅަށް ބަހުސް ކުރައްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެވެ، ނަމަވެސް އެ މައްސަލަ ރިޔާސަތުން ބަލައެއް ނުގަތެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭކަމުގެ ކަންބޮޑުވުން އޮއްވައި މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.ވ އެހެންނަމަވެސް، މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ އެ މަޖިލީހުގައި ކުރިއަށް އޮތް ތަނުގައި ބަހުސްކުރަން ނުޖެހޭ ކަމަކަށް ވާންޖެހޭ ކަމަށެވެ.