ޓެކްސް ގާނޫނަށް އިސްލާހު ގެނެސްގެން އެއްވެސް ރައްޔިތަކަށް ވީ އެއްވެސް ފައިދާއެއް ފެންނާކަށް ނެތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވި ބިލަށް ބަހުސް ކުރައްވަމުން މައުރޫފު ވިދާޅުވީ، ޓެކްސްތައް ބޮޑުކޮށް، ފުޅާކޮށް އިތުރުކުރި ނަމަވެސް ދިވެހި ރައްޔިތަކަށް އެއިން އެއްވެސް ޓެކުހަކުން ކުރި ފައިދާއެއް މިއަދު ފެންނަން ނެތް ކަމަށެވެ. އަދި އެއީ ޓެކްސް ނަގަންޖެހޭ ހަގީގީ މަގުސަދާ ހިލާފު ކަމެއް ކަމަށް މައުރޫފު ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ސަރުކާރު، ރައީސް މުހައްމަދު ނަޝީދުގެ ހިކުމަތްތެރިކަމާއި މިންނަތުން ޓެކްސްގެ ނިޒާމު ރާއްޖެއަށް ތައާރަފް ކުރައްވާފައިވަނީ ހަމަހުރެލާފަ ކޮށްލި ކަމެއްގެ ގޮތުގައި ނޫން ކަމަށެވެ. އެއީ އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި، އެ މަނިކުފާނަށް މި ގައުމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތާއި، މި ގައުމުގެ މުސްތަގުބަލާއި ދޭތެރޭ ވިސްނާލެއް ފުރިހަމަ ކަމުން މި ރާއްޖެއަށް ތައާރަފް ކުރި ނިޒާމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޕާޓީގެ ޗެއާޕާސަން ކަމުގައި އެމަނިކުފާނު ހުންނަވައިގެން އަޅުގަނޑުމެން މި ގައުމަށްޓަކައި ކުރައްވާނީ ރަނގަޅުކަންކަން. އޭރުގަ އެމަނިކުފާނު ކުރައްވާފައިވާ ރަނގަޅު ކަމެއް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މުޅިން ބޮލާލާ ޖަހާލާ މަންޒަރު. ޓެކްސްގެ ގާނޫނަށް ބަދަލުތައް ގެންނަނީ ރައްޔިތަކަށް މޮޅެއް ނުވޭ. ތިރާސާކޮށް ހިސާބުޖެހުމަށް ފަހުގައި ނޫނީ މި ބަދަލުތަކަށް ގަނޫނުތަކަށް ނުގެންނަށޭ."

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ، މިއަދު މި ފެންނަނީ ރާއްޖޭގެ ޓެކުހުގެ ވަށާޖެހޭ ނިޒާމުން ބޭރުން، ބޮޑެތި އިންވެސްޓުމެންޓުތަކުގެ ނަމުގައި، ސެޓްލްމެންޓުތައް ރާއްޖެއަށް ގެންނަ މަންޒަރު ކަމަށާއި، އެ ސެޓްލްމެންޓުތައް ރާއްޖެއަށް ގެނެސްގެން އެންމެ ޓެކުހެއްވެސް ރާއްޖެއަށް ނުލިބޭ މަންޒަރު ކަމަށެވެ.

މި ވާހަކަދެއްކުމަށް ފަހު، އަނެއްކާވެސް ކުދި ވިޔަފަރިތަކުން އިތުރަށް ޓެކްސް ނެގުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމީ ކަންބޮޑުވާކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ރާއްޖޭގެ ބޮޑު ބިމެއް ބޭރުގެ ފަރާތަކަށް އެއްވެސް ޓެކްސްއެއް ނެގުމަކާ ނުލާ ވިއްކާލަނީ ކަމަށް ތުހުމަތުކުރައްވާ މައުރޫފް ވިދާޅުވީ، އެކަންކަން ފޮރުވުމަށް އަނެއްކާ މުޅިން އެހެން ބިލެއް ހުށަހަޅައިގެން މުޅިން އެހެން ކަންތައްތަކެއް ކުރިއަށް ގެންދަނީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، އިތުރު ޓެކުހެއް ނެގުމަށް އެއްވެސް ވަރަކަށް ތާއީދު ނުކުރައްވާ ކަމަށެވެ.