ށ. ފުނަދޫގައި އިއްޔެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ހާއްސަ ޓީމެއް މިއަދުގެ ވަގުތެއްގައި އެ ރަށަށް ދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގި ސަރަހައްދު މިހާރު ކޯޑަންކޮށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ށ. ފުނަދޫއަށް މާދަމާ ހެދުނު ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.