ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 1 ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ޖަމަޖައްސާދީފިއެވެ.

އެންޑީއެމްއޭ އިން ބުނީ، އެ އިންތިޒާމްހަމަޖައްސާފައިވަނި 5 ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެ އޮތީރިޓީން ބުނީ، ޖުމްލަ 18 ފަރާތަކަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި 16 މީހަކާއި، 1 ފަޔަރ ފައިޓަރަކު އަދި ހޮސްޕިޓަލްގެ މުވައްޒަފަކު ހިމެނޭ އިރު، ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައި ނުވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ، މިވަގުތު 4 މީހަކަށް ދަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށާއި، އަނިޔާވި މީހުންގެ އަދަދުތަކާއި، އަސަރުކުރި ގޭބިސީތަކާއި، ހުސްކުރެވުނު ގެތަކުގެ ތަފްސީލުތަކާއި، ގެއްލުންތަކުގެ ތަފްސީލުތައް، ހާލަތު ބަދަލުވަމުންދާ ވަރަކަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި 5 ގޭބިސީއަކަށް އަސަރުކޮށްފައިވާއިރު، ޖުމްލަ 33 މީހަކު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައި ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަރން އޭރިއާ ކޮމާންޑް – ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެން.އޭ.ސީ-އެފް.އާރ.އެސް)، ފުނަދޫ އެއާޕޯޓް ފަޔަރ އެންޑް ރެސްކިޔު ޓީމް، މޯލްޑިވްސް ޕޮލިސް ސަރވިސް، ފުނަދޫ ކައުންސިލް އަދި ފުނަދޫ ސްކޫލް ކެޑޭޓުން ހަރަކާތްތެރިވެފައިވެއެވެ.