ދިވެހި ޕްރިމިއާ ލީގުގައި 2-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ފަސް ވަނައަށް ޖެހިލައިފިއެވެ.
މިއީ ބިސް ބުރުން ލީގުގައި ކުޅުނު ހަ މެޗުން ހޯދި ތިން ވަނަ މޮޅެވެ. ޓީސީ ދެ މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބިސް ބުރުން ލީޑު ނެގީ 10 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން މި ލަނޑު ޖަހައިދިނީ އިބްރާހިމް އަތީގް އެވެ. އޭގެ ފަސް މިނެޓު ފަހުން ބިސް ބުރުގެ ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ޒިދާން އީސާ އެވެ.
ބޯ ވާރޭގައި ކުޅެމުންދިޔަ މި މެޗު، ދަނޑުގައި ފެންހެދުމުގެ ސަބަބުން، 36 ވަނަ މިނެޓުގައި ވަނީ މެދުކަނޑާލާފައެވެ.
ޓީސީގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ނަގައިދިން އެ ބޯޅަ ގޯލަށް ވައްދާލީ ހަސަން އީނާޒް އެވެ.
މި މޮޅާއެކު، ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ބިސް ބުރު ފަސް ވަނައަށް ޖެހިލި އިރު، ހަ ޕޮއިންޓާއެކު ޓީސީ މިވަގުތު އޮތީ ހަތް ވަނައިގައެވެ.
ކުރިއަށް އޮތް ބްރޭކްގެ ކުރިން ލީގުގައި ކުޅޭ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބެވެ.