ށ.ފުނަދޫ ގައި ހިނގި އަލިފާނުގެ ހާދިސާގައި އެހީތެރިވި މީހުންނަށް ރައީސް ޝުކުރު އަދާކުރައްވައިފިއެވެ.

އެ ހާދިސާއާ ގުޅިގެން އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ށ.ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެހީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި އެފަދަ ޙާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

ރައީސް ވަނީ، މި ކުރިމަތިވީ ކުއްލި އަދި އުނދަގޫ ޙާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް، ތިޔަދެއްވި އެއްބާރުލެއްވުމުގެ އަގު ވަޒަންކޮށް، ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް ރައީސް ވަނީ އެދިލައްވާފައެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާ ޖަނަށާއި، އެހުރިހާ ފަރާތްތަކުގެ ޢާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުމަށް ރައީސް ވަނީ އެދިލައްވާފައެވެ.

މި ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަލިފާންގަނޑު ވަނީ މުޅިން ނިއްވާލެވިފައި ކަމަށާއި، އަލިފާން އަލުން ރޯވިޔަ ނުދިނުމަށްޓަކައި ފިނިކުރުމުގެ މަސައްކަތްތަކާއި ސަލާމަތީ ކަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން މިހާރު ދަނީ ބަލަހައްޓަމުން ކަމަށެވެ. އެގޮތުން އެސަރަޙައްދުގައި ހުރި ގޭބިސީތަކަށް ދިމާވެފައިވާ ކުއްލި ނުރައްކާ ވަނީ ކޮންޓްރޯލް ކުރެވިފަ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 11:58 ގައި ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.