ކުޑަކުދިންނަށް ކުރެވޭ ކުށްތަކާއި ގުޅިގެން ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމާއި، އެކަމުގައި ހިމެނޭ މުއައްސަސާތަކުގެ އެއްބާރުލުން އިތުރުކުރުމަށްޓަކައި 30 ބައިވެރިންނާއެކު އެއްދުވަހުގެ ޚާއްސަ ވޯކްޝޮޕެއް، ދާހިލީ ސަލާމަތާއި ފަންނިޔާތާއިބެހޭ ވުޒާރާގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިންތިޒާމުކޮށްގެން މިއަދު ބާއްވައިފިއެވެ.
ދާހިލީ ވުޒާރާއިން ބުނީ "ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށް އެއްބާރުލުން އިތުރުކުރުން" މި ނަމުގައި ކުރިއަށް ގެންދެވުނު މި ވޯކްޝޮޕް އޮތީ ޗަމްޕާ ސެންޓްރަލްގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ވޯކްޝޮޕްގައި ދިވެހި ފުލުހުންގެ ޚިދުމަތް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ބައިވެރިވވެފައިވާ ކަމަށް އެ ވުޒާރައިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ، މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ކުޑަކުދިންނަށް ކުރެވޭ ކުށްތަކާ ގުޅިގެން ކުޑަކުދިންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެހެން ގޮތްގޮތުން ހައްލުކުރުމަށް ބާރުއަޅާ ޑައިވަރޝަންގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުން ކަމަށެވެ،
މީގެ އިތުރުން، ޑައިވަރޝަންގެ އުސޫލުތަކާއި، ޤާނޫނީ އަދި ސިޔާސަތުތަކުގެ ދަށުން އެކަންކަން ހިނގާގޮތް ބައިވެރިންނަށް އޮޅުންފިލުވައިދެވުނު ކަމަށާއި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާއި، މައްސަލަތައް ހަވާލުކުރުމުގެ އުސޫލުތަކާ ބެހޭގޮތުން ވެސް ފުޅާކޮށް މަޝްވަރާކުރެވުނު ކަންވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޑައިވަރޝަންގެ ނިޒާމުގައި ކޮންމެ މުއައްސަސާއެއްގެ ދައުރާއި، މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވައިލެވި، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޑައިވަރޝަން ޕްލޭންގެ ނަމޫނާތައް ހުށަހެޅި ކަމަށްވެސް ބުނެއެވެ.
މި ވޯކްޝޮޕްގެ ސަބަބުން ކުޑަކުދިންގެ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާވެ، ކުޑަކުދިންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވަނީ ހާމަކޮށްފައެވެ.