ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ސޮއި ކުރައްވާ، ނޫސްބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވާ އާންމުކޮށްފައިވާ އެ ބަޔާނުގައި ބުނީ، ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ނިންމި ނިންމުމަކީ އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް އިތުރު ކުރުމަށް ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެތަށް ގާނޫނަކަށް ބަދަލު ގެނަސްފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމެނިފައިވާ އަދަދަކަށް ވާއިރު، ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް، ކައުންސިލަރުންނާއި ކައުންސިލް ރައީސުންގެ މުސާރަ އަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ޚިދުމަތަކަށް ބުރޫއަރާނެ ކަމެއް ކަމަށާއި މިކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ފާޅުކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނީ، ރާއްޖޭގައި ޕޭހާމަނައިޒޭޝަންގެ އެތައް ކަންބޮޑުވުމެއް އޮތް އިރު، އަދި އެކަންބޮޑުވުންތަކާއި ގުޅިގެން 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަށް ދިރާސާ ކުރުމަށް ފޮނުވާފައިވާ "ތައުލީމީ ދާއިރާގެ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭ ގަރާރު" ގެ މަސައްކަތް ވެސް މިއަދާ ހަމައަށް ވެސް ނުނިންމައި މިފަދަ ގޮތަކަށް މުސާރަ އަށް ބަދަލު ގެނައުމަށް އެތައް ރައްޔިތުންނެއް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިފަދަ ކަންކަން ހުއްޓުވައި، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ޒިންމާ ގާނޫނު އަސާސީގެ ދަށުން މަތިކުރެވިފައިވާ މުއައްސަސާއަށް ވީ ނަމަވެސް ޕީއެންސީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން މިހާރު ނިންމާފައިވާ ގޮތަށް ވެރިންގެ މުސާރައާއި އިނާޔަތްތައް އިތުރު ކުރުމުން ދައުލަތުގެ ޚަރަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވެގެން ދާނެތީ މި ނިންމުން ބަދަލުކުރުމަށް އެމްޑީޕީގެ މެންބަރުން ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި ވަޒީރުންނާ މަޖިލިސް ރައީސްގެ އިނާޔަތް އިތުރު ކުރުމަށްވުރެ މުހިއްމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަން ދިނުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ބަޔާނުގައި ވަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށްރަށުގެ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާތެރޭގައެވެ. އެއާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަންނަނީ އަމާޒުވަމުންނެވެ.