މި އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އައްޑޫ ސިޓީއަކީ ޓެކްސް ދައްކަން ނުޖެހޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ގާއިމުކުރާ ޓެކްސް-ފްރީ ޒޯންތަކުގެ ތެރެއިން، ތިން އަހަރުގެ ދުވަހުގެ ޕައިލެޓް މަޝްރޫއު އެންމެ ފުރަތަމަ ފަށާނީ އައްޑޫ ސިޓީގައި ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ޒޯނުގައި ސަރުކާރުން ދޫކުރާ ބިންތަކުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އާމްދަނީން ނަގާ ޓެކްސް މައާފުކުރުމުގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ކޯޓާއިން 20 އިން 30 އިންސައްތައާ ދެމެދުގެ ލުއިތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ނިންމެވުމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށްއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާންމުކުރައްވާނެ ކަމަށެވެ.
ރައީސް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ހާއްސަ އިނާޔަތްތަކެއް ލިބިދޭ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅުއްވައި، 1 ޖަނަވަރީ 2027 އިން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް އެ ފުރުސަތު ހުޅުވާލައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އެއީ ވިޔަފާރިއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުން ދައުލަތަށް އާމްދަނީ ވަންނާނެ މަގުތައް ތަނަވަސްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ ރައީސް ވަނީ މިކަން ވެގެންދާނީ އައްޑޫ ސިޓީއަކީ އިގްތިސާދީ މައި ހަބަކަށް ހެއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުވިސްނުންތެރި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ބާރެއް ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ފްރީ ޒޯނުގެ ސަބަބުން ވަޒީފާގެ އައު ފުރުސަތުތައް އުފެދި، މުދާ އެތެރެކުރުމުގައި ވެރިރަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުވެ، ދެކުނުގެ ވިޔަފާރި ވެށްޓަށް އައު ދިރުމަކާއި ފާގަތިކަން ގެނެސްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.