ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ވިކްޓްރީން ކާމިޔާބުކުރީ 2-0 އިންނެވެ. ވިކްޓްރީގެ ދެ ލަނޑުވެސް ޖެހީ އަހްމަދު ރިޒްވާން (ރިޒޭ) އެވެ.

މި މެޗުގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ރިޒޭ ޖަހައިދިނީ، ބިދޭސީ މިޑްފީލްޑަރު މިރްޖަލޯލް ކަސިމޯވް އޭރިއާ ތެރެއަށް ދިން ބޯޅައެއް އެއް ފަހަރުން ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ރިޒޭ ވަނީ ދެވަނަ ލަނޑު ޖަހައި ވިކްޓްރީއަށް އިތުބާރު ހޯދައިދީފައެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ވިކްޓްރީއަށް ލީޑު ފުޅާކުރަން ލިބުނު އިތުރު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފުގައި އޮޑިން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އޮޑިއަށް އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވިއެވެ.

މި މޮޅާއެކު ވިކްޓްރީ ލީގުގެ އެއްވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓާއި، ތިން ވަނައިގައި އޮތް އީގަލްސްއަށް ވެސް ލިބިފައިވަނީ 11 ޕޮއިންޓެވެ. އަދި ރޭގެ މެޗުން ބަލިވި އޮޑި މިވަގުތު އޮތީ އަށް ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ.