ށ.ފުނަދޫ 'ފަތްމިނި' ޕެޓްރޯލް ޝެޑްގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަލިފާންގަނޑު ވަނީ މުޅިން ނިއްވާލެވިފައި ކަމަށާއި، އަލިފާން އަލުން ރޯވިޔަ ނުދިނުމަށްޓަކައި ފިނިކުރުމުގެ މަސައްކަތްތަކާއި ސަލާމަތީ ކަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން މިހާރު ދަނީ ބަލަހައްޓަމުން ކަމަށެވެ. އެގޮތުން އެސަރަޙައްދުގައި ހުރި ގޭބިސީތަކަށް ދިމާވެފައިވާ ކުއްލި ނުރައްކާ ވަނީ ކޮންޓްރޯލް ކުރެވިފަ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 11:58 ގައި ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އެ އޮތީރިޓީން ބުނީ، ޖުމްލަ 18 ފަރާތަކަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި 16 އާންމު ރައްޔިތުންނާއި، 1 ފަޔަރ ފައިޓަރ އަދި 1 ހޮސްޕިޓަލްގެ މުވައްޒަފެއް ހިމެނޭ އިރު، ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައި ނުވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ، މިވަގުތު 4 ފަރާތެއް ދަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށާއި، އަނިޔާވި ފަރާތްތަކުގެ އަދަދުތަކާއި، އަސަރުކުރި ގޭބިސީތަކާއި، ހުސްކުރެވުނު މީހުންގެ ތަފްސީލުތަކާއި، ގެއްލުންތަކުގެ ތަފްސީލުތައް، ހާލަތު ބަދަލުވަމުންދާ ވަރަކަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި 5 ގޭބިސީއަކަށް އަސަރުކޮށްފައިވާއިރު، ޖުމްލަ 33 ރައްޔިތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައި ކަމަށެވެ.

އަލިފާން ނިވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަރން އޭރިއާ ކޮމާންޑް – ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެން.އޭ.ސީ-އެފް.އާރ.އެސް)، ފުނަދޫ އެއާޕޯޓް ފަޔަރ އެންޑް ރެސްކިޔު ޓީމް، މޯލްޑިވްސް ޕޮލިސް ސަރވިސް، ފުނަދޫ ކައުންސިލް އަދި ފުނަދޫ ސްކޫލް ކެޑޭޓުން ހަރަކާތްތެރިވެފައިވެއެވެ.