ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރު ކުރި 9 މީހުންގެ ވަނަ ވަރު މިއަދު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، އުމުރުން 21 އަހަރުގެ މުޙައްމަދު މައިސަން ޝިޔާޒު އާއި، އުމުރުރުން 24 އަހަރުގެ އަޙްމަދު އިފްތިޝާމް ޒަރީރު، އުމުރުން 35 އަހަރުގެ ނަޖުމުﷲ ޙަސަން، އުމުރުން 24 އަހަރުގެ ޢާޒިމް މުފީދު، އުމުރުން 31 އަހަރުގެ ޢަލީ ޙުޒާމް ސަޢީދު، އުމުރުން 26 އަހަރުގެ މުޙައްމަދު ޞާލިޙު އަޙްމަދު، އުމުރުން 20 އަހަރުގެ އަޙްމަދު ނޫޙު ނިޔާޒު، އުމުރުން 20 އަހަރުގެ މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރުގެ އިތުރުން އުމުރުން 32 އަހަރުގެ އަޙްމަދު ޞާނިޖު ޞާދިޤުއެވެ.
ފުލުހުން ބުނީ ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އުމުރުން 26 އަހަރުގެ މުޙައްމަދު ޞާލިޙު އަޙްމަދު އާއި، އުމުރުން 20 އަހަރުގެ މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރުއާއި، އުމުރުން 35 އަހަރުގެ ނަޖުމުﷲ ޙަސަން އަދި އުމުރުން 20 އަހަރުގެ އަޙްމަދު ނޫޙު ނިޔާޒު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އުމުރުން 21 އަހަރުގެ މުޙައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް، އުމުރުން 24 އަހަރުގެ ޢާޒިމް މުފީދު 15 ދުވަހަށް، އުމުރުން 32 އަހަރުގެ އަޙްމަދު ޞާނިޖު ޞާދިޤު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އުމުރުން 24 އަހަރުގެ އަޙްމަދު އިފްތިޝާމް ޒަރީރު އާއި އުމުރުން 31 އަހަރުގެ ޢަލީ ޙުޒާމް ސަޢީދު ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ އިލްތިމާސްކޮށްއެވެ.
މީގެއިތުރުން، މި މައްސަލަ އަވަހަށް ތަހުގީގުކޮށް، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ޝަރީއަތަށް ހުށަހެޅުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.