ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އިން ފަހުރުވެރި ވަނަތައް ހާސިލުކުރި 130 ފަރާތްތަކަށް އިނާމު ދީފިއެވެ.
މި ފަރާތްތަކަށް އިނާމު ދެއްވާފައިވަނީ އެކަމަށްޓަކާ ބާސެލޯ ނަސަންދުރައިގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ހާސިލުކުރި 5 އުފެއްދުމަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.
މުޅި މައުރަޒުން ރަންވަނަ ހާސިލުކުރި އުފެއްދުންތަކަކީ:
ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން "މެމޮރީ އޮފް ދަ ޓައިޑްސް" - މަރިޔަމް ޝަހުމާ
- ލަކުޑީގެ އުފެއްދުންތައް ކެޓެގަރީން "ދޯނި" - އަބްދުއްރަޝީދު ހަސަން
- ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން "ތުނޑު ކުނާ" - އުޝާ އާދަމް
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީން "އަވަސް އެޕް" - މުހައްމަދު ޔާނިއު ރަމީޒު
- އިމާރާތްކުރުމުގެ ދާއިރާއިން "ކަޅުވަކަރު މިސްކިތް" އާދަމް މަންސޫރު
އެކި ދާއިރާތަކުން 1 ވަނައަށް ދިޔަ ފަރާތްތައް:
އަމިއްލަ ފަރުދުންގެ ދާއިރާއިން / އޫޝާ ހަސަން،
- މާލެސިޓީފިޔަފާރި ދާއިރާއިން / ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ
- ތައުލީމީދޭ ދާއިރާތަކުން / މޯލްޑިވްސް ޕްލިޓެކްނިކް
- ޖަމިއްޔާ ޖަމާއައްތަކުގެ ދާއިރާއިން / ވިމެން އެންޓްރަޕްރަނާޒް މޯލްޑިވްސް
- ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާއިން / ހައުސިންގް ޑިޕްލޮޕްމަންޓު ކޯޕަރޭޝަން
- ހާއްސަ އެހީބޭނުންވާ ފަރާއްތަކުގެ ދާއިރާއިން / ފާތިމަތު ޝަފަގް ، ރެޑިއަމްގެ ތ. ވިލިފުށި
އަހަރުގެ އެކްސްޕޯގައި އެކި ދާއިރާތަކުން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި އެކި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން ޖުމްލަ 439 ބައިވެރިންގެ ފަރާތުން 4,434 އުފެއްދުމެއް ބައިވެރިކޮށްފައިވެ އެވެ.
މީގެ ތެރެއިން އެންމެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވަނީ އަމިއްލަ ފަރުދުންނެވެ. އެއީ ޖުމްލަ އުފެއްދުންތަކުގެ 74.5 އިންސައްތަ ނުވަތަ 3,303 އުފެއްދުމެވެ. މީގެ އިތުރުން، ވިޔަފާރިތަކުން 764 އުފެއްދުމެއް ހުށަހަޅާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން 254 އުފެއްދުމެއް ބައިވެރިކޮށްފައިވެ އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2026 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.