މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ގިނަ ގޮތްގޮތުން ތަފާތުވާނެ ކަމަށާއި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޭރުގެ ފަރާތްތަކުން ހުށަހަޅާ ހުށައެޅުންތަކުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ މީގެ ކުރިން ނުބޭއްވޭ ފަދަ ފުޅާ ދާއިރާއެއްގައި ބޭއްވޭ މައުރަޒެއް ކަމަށާއި، އެގޮތުން މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު 600 އަށް އަރާފައިވާ ކަމަށެވެ.
ވަޒީރު ވަނީ، މައުރަޒު އިންތިޒާމުކުރި ޑިސްޓްރިކްޓްތަކުގެ އަދަދުވެސް 5 އިން 7 އަށް އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އޭގެ ތެރޭގައި ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓަކާއި އިންޓަނޭޝަނަލް ޑިސްޓްރިކްޓެއް ގާއިމުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ޑިސްޓްރިކްޓުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީިގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ ކަމަށެވެ، އަދި މީގެ ސަބަބުން ރާއްޖޭގެ ވިިޒިޓަރ އިކޮނޮމީއަށްވެސް އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަލަަށް ގާއިމުކުރެވޭ އިންޓަނޭޝަނަލް ޑިސްޓްރިކްޓަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މި ޑިސްޓްރިކްޓުގެ ތެރެއިން ތަފާތު އެކި އުފެއްދުންތައް މިއަހަރު ފެނިގެންދާނެ ކަމަށެވެ. އެގޮތުން މި ޑިސްޓްރިކްޓުގައި މިވަގުތު ރާއްޖެއިން މިނިވަން ވިޔަފާރީގެ، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.