ށ. ފުނަދޫ ބަނދަރުގައި ހުންނަ ޕެޓްރޯލް ޝެޑްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ރޯވެ މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ދުންގަނޑު ވަނީ ފެތުރިފައެވެ.

އެމްއެންޑީއެފްއިން ބުނީ ށ . ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން މިހާރު ދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުން ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ ފައިޓާސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ވީ ނިއުސްއަށް މައުލޫމާތު ދެމުން އެ ރަށުން ވަހަކަ ދެއްކި މީހަކު ބުނީ، މި ހާދިސާއާ ގުޅިގެން އެރަށުގެ ސްކޫލުގެ ކިޔެވުން މިހާރު ވަނީ ބަންދުކޮށްފައި ކަމަށާއި، އަލިފާން ރޯވި ތަނުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު ދަނީ އިވެމުން ކަމަށެވެ. މި ހާދިސާއާއި ގުޅިގެން ޝެޑާ ޖެހިގެން އިން ގެއެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާރު އެ ގޭގައި ރޯވި އަލިފާން ނިއްވާލެވިފައިވާ ކަމަށް ވެސް ވަނީ މައުލޫމަތު ލިބިފައެވެ.

ނަމަވެސް ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ދަނީ އަނދަމުން ކަމަށް ވެސް އެ މީހާ ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވީކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައެއްނުވެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ގެތަކުގެ މީހުން މިހާރު ވަނީ ހުސްކޮށްފައެވެ.