ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރު ކުރި 9 މީހުންވެސް ބަންދުގައި ބޭތިއްބުމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިވެއެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ޚާއްޞަ ޓީމެއް މިހާރު ވަނީ އެ ރަށަށް ފޮނުވާފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެންމެންވެސް ބަންދާމެދު ގޮތެއް ނިންމުމަށް ރޭ ކޯޓަށް ހާޒިރުކުރުމުން އެންމެންވެސް ބަންދުގައި ބެއިތިއްބުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ އިލްތިމާސްކޮށްއެވެ.

މީގެއިތުރުން، މި މައްސަލަ އަވަހަށް ތަހުގީގުކޮށް، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ޝަރީއަތަށް ހުށަހެޅުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.