ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން، ކްލަބް އީގަލްސްގެ މައްޗަށް 7-1 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

ފަސޭހަކަމާއެކު އީގަލްސް ބަލިކޮށް ނިއު ދެވަނައަށް
ފަސޭހަކަމާއެކު އީގަލްސް ބަލިކޮށް ނިއު ދެވަނައަށް

މި މޮޅާއެކު ނިއުއިން ލީގުގެ ދެވަނައަށް ޖެހިލި އިރު، މިއީ މި ސީޒަންގައި އީގަލްސް ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުއިން ލީޑުނެގީ ނުވަ ވަނަ މިނެޓުގަ އެވެ. މި ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) އެވެ. އޭގެފަހުން 22 ވަނަ މިނެޓުގައި ނިއުއިން ލީޑު ފުޅާކުރީ އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. އަދި މެޗުގެ 40 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ނެގި ހުރަހަކުން ތިންވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑުވެސް ޖެހި ޑޯރީ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނިއު އިން ވަނީ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. މިއީ އީގަލްސްގެ ކީޕަރު ސާގިބު ކުރިއަށްއެރި ވަގުތެއްގައި ސެންޓޭ ދިން ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން އިބްރާހީމް މައިޝާން ކާމިޔާބުކުރި ލަނޑެކެވެ. އަދި 68 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ ސެންޓޭ އެވެ.

ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ - ފޮޓޯ: ދިވެހި ޕްރިމިއާ ލީގު


މެޗުގެ 77 ވަނަ މިނެޓުގައި، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު، ބިލިޓީ ވަނީ އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދީފައެވެ.

ނިއުއިން ބޮޑު ލީޑެއް ނެގި ފަހުން، 80 ވަނަ މިނެޓުގައި އީގަލްސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މިސްރުގެ އެލް ސަޑެކް މުހައްމަދު އެވެ. އޭގެފަހުން 88 ވަނަ މިނެޓުގައި ނިއުގެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ.

މި ނަތީޖާއާއެކު، އީގަލްސްއަށް ވުރެ އެއް މެޗު މަދުން ކުޅެގެން ޖުމްލަ 11 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ލީގުގެ ދެވަނައަށް ޖެހިލި އިރު، ތިން ވަނައިގައި އޮތް އީގަލްސްއިން ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ނިއުއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އަދި 13 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.