ނޮޅިވަރަމްއަށް ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނެފިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން އެންޑީއެމްއޭއިން އަދާހަމަ އާންމުކުރުމަށް އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ނޮޅިވަރަމްގައި 2 ޕަންޕާއި 6 ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރިއަށްދާ ކަމަށެވެ.

ކުޅުދުއްފުށީގައި ފެން ހިންދުން މެދުކަނޑާލައި މިވަގުތު ހާލަތު ކޮންޓްރޯލް ކުރެވިފައިވާއިރު އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވެފައެއް ނުވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އަދި 2 ގެއެއްގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުވި ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ނޮޅިވަރަންފަރުގައި ވާރޭ ހުއްޓާލުމުން ބޮޑު ސަރަހައްދަކުން ފެން ހިނދިފައިވާ ކަމަށާއި ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ ނައިފަރުގައި ބޯކޮށް ވާރޭވެހުން ހުއްޓާލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެން މިހާރު ދަނީ ހިނދެމުން ކަމަށާއި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.