ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގި ޖިންސީ ގޯނާގެ ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކުގެ މައުލޫމާތު ދައުރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެެވެ.

އެޗްއާރްސީއެމުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ދެކުނުގެ ރަށެއްގައި ހިންގާފައިވާ އަނިޔާވެރި އަމަލާ ގުޅުވައި ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި މައުލޫމާތު އާންމު ކުރުމުގައި، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ޒާތީ މައުލޫމާތު އާންމު ނުކުރުމަށް އެދިފައެވެ. އަދި އެފަރާތްތައް އިތުރަށް އަނިޔާއަށް ހުށަހެޅިގެން ހިނގައިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ދައުރު ނުކުރުމަށް ވެސް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން، މި މައްސަލަ އަވަހަށް ތަޙުޤީޤުކޮށް، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ޝަރީޢަތަށް ހުށަހެޅުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.

އަންހެނަކަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލާގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.