އެކައުންޓިންގ އަދި މާލީ ދާއިރާގެ 400 އަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026" ފަށައިފިއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް މުހިންމު ފޯރަމެކެވެ. އަދި މި ފޯރަމްގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކޮށް، މެދުނުކެނޑި އުނގެނުމާއި އެކައުންޓިންގ ޕްރޮފެޝަނަލުންގެ މެދުގައި އަޚްލާޤީ އުސޫލުތައް ތަޢާރަފްކުރުމަށް ހިތްވަރުލިބިގެންދެއެވެ.
މި ފޯރަމް ކުރިއަށް ދާން ހަމަޖެހިފައިވަނީ ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ދެ ދުވަހުގެ މުއްދަތަކަށެވެ. މި ފޯރަމުގައި ރާއްޖޭގެ އެކައުންޓަންޓުންނާއި، މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭހެން 400އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާއިރު، ތަފާތު އެކި މައުލޫތަކަށް ޕްރެޒެންޓޭޝަންތަކާއި، ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ބާއްވާނެއެވެ.
މި ފޯރަމްގައި މާލީ ދާއިރާއާ ގުޅުންހުރި މުހިންމު 12 މައުޟޫޢަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއަށް ލިބޭ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ އިޤުތިޞާދީ ނަތީޖާއާއި، ދަޢުލަތުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ އިތުރުން، ސްރީލަންކާގެ އިޤުތިޞާދީ ކާރިސާއިން ރާއްޖެއަށް ލިބިގަނެވޭނެ ފިލާވަޅުތައް ހިމެނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ތަރައްޤީކުރާ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢުގެ ކޭސް ސްޓަޑީއެއްވެސް މި ސެޝަންތަކުގެ ތެރޭގައި ހިމެނެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މާލީ ރިޕޯޓިންގ ތައްޔާރުކުރުމަށް އައިއެފްއާރްއެސް އެސް1 އަދި އެސް2 ތަންފީޒުކުރުމާ ގުޅޭގޮތުން ސީއޭ މޯލްޑިވްސްއިން ނިންމާފައިވާ ނިންމުންތަކާއި، ސައިބަރ ރިސްކުތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލާނެއެވެ. އޭގެ އިތުރުން، ރާއްޖޭގައި ފިންޓެކް އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ހުރި ހުރަސްތަކާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ދައުރާއި ޕްރައިވެޓައިޒޭޝަނާ ގުޅޭ ސިޔާސަތުތައްވެސް ދަނީ ބަލައިގަންނަމުންނެވެ.