ޅ. ނައިފަރު 16 ގެއަކަށް ފެންވަދެ، 2 ގެއަކުން މީހުން ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނެފިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން އެންޑީއެމްއޭއިން އަދާހަމަ އާންމުކުރުމަށް އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއޮތޯރިޓީ އާއި ކައުންސިލް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ކުޅުދުއްފުށި ސިޓީގައި 7 ޕަންޕުން ފެން ހިންދަމުންދާއިރު، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން 2 ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު 1 ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. މިކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި، ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، 2 ޕަންޕުން އެހީގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައެއް ނުވާ ކަމަށާއި، ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު ރަށުގެ ހާލަތު ރަނގަޅު ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ވައިކަރަދޫގެ ރަށުތެރޭގައި ފެންބޮޑުވެ، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވީ ނަމަވެސް ގެއަކަށް ގެއްލުމެއް ނުވެއެވެ.

ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕު އެހީގައި ފެން ހިންދާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. ކުރިންބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ހަނިމާދޫ އަދި މަކުނުދޫގެ ހާލަތުވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި ފިއްލަދޫ، ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފައެވެ. ކެލާ އަދި މާރަންދޫގެ 1 ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއްނުވެއެވެ.

ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާ ކަމަށާއި ދިއްދޫގެ 1 ގެއަށް ފެން ވަދެގެން އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައިވެއެވެ.

ތަކަންދޫގައި ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތްކުރަމުންދާއިރު ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއްނުވާ ކަމަށް އެންޑީއެމްއިން ވަނީ ބުނެފައެވެ.