ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ އެމް.ޑަބްލިޔު.އެސް.ސީއިން ރަސްމީކޮށް ހަވާލުވެ، ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު ގައި ފެށަން ހަމަޖައްސައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން އާންމުކޮށްފައިވާ ގޮތުގައި، މީޓަރ ރީޑިންގ ނެގުމަށްޓަކައި، އެ ކުންފުނީގެ މުވައްޒަފުން، ރަސްމީ ޔުނިފޯމުގައި، ގޭބިސީތަކަށާއި ހިދުމަތް ދެމުންގެންދާ އެކި ޢިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެއެވެ. އެހެންކަމުން، އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށާއި، އެ ކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދިނުމަށް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ އެދިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ، އެ ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯއްދެވުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށް އެކައުންޓް ރަޖިސްޓްރީ ކުރުމަށް އެދިފައެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް އެމް.ޑަބްލިޔު.އެސް.ސީގެ ދަށަށް ބަދަލުވަމުންދާ މި މަރުހަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ހިދުމަތަށް ބުރޫނާރައި، މެދުކެނޑުމެއްނެތި، ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. އަދި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް އެ ކުންފުނިން ވަނީ އެންމެހައި ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.