މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ރޭ ހުޅުވައިފިއެވެ.

މިފްކޯ އިން ބުނީ މިއީ ރާއްޖޭގެ ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ހުޅުވުމަށް އެ ކުންފުނިން ނިންމާފައިވާ ނިންމުމުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ މަސްފިހާރަ ކަމަށެވެ. މީގެ ކުރިން، މި އަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައި ވަނީ މަސްފިހާރައެއް ހުޅުވާފައެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

މިފްކޯ އިން ބުނީ ރޭ ހުޅުވި ފުވައްމުލަކު މަސްފިހާރަ ގާއިމުކޮށްފައި ވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ކަމަށެވެ.

މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ރައްޔިތުން ބައިވެރިވިއެވެ.

ފުވައްމުލަކު މަސްފިހާރައިގެ ސަބަބުން އެރަށު ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބުމަށް މަގުފަހިވެގެންދާނެއެވެ. މިފްކޯ އިން ބުނީ އެ ފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެ ކަމަށެވެ.

މިފްކޯ އިން ބުނީ މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު،އެ ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.