ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގުޅުން ފުޅާކުރުމަކީ ރާއްޖެއަށް ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގެ އިސްވަފުދަކާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމަށް އިޝާރަތްކުރައްވާ ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން ކަމަށެވެ. އެގޮތުން ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ޕާކިސްތާނާއެކު އަސްކަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ރާއްޖެއާ ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ އެމްއޯޔޫތަކަކީ ދެ ގައުމުގެ ކުރިއެރުމަށް ވެސް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.