މޫސުން ގޯސްވެ، ހދ. ނޮވިރަމްގެ 95 އިންސައްތަ ގެތަކަށް ފެންވަދެއްޖެއެވެ.
ނޭޗަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ނޮވިރަމަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.
އެންޑީއެމްއޭ އިން ބުނީ އެ ރަށުގެ 95 އިންސައްތަ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ޢާއިލާތައް މިހާރު އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ޙާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
މީގެ އިތުރުން، ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ ނައިފަރުގެ އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރިވެފައި ނުވާ ކަމަށެވެ.
ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި އެރަށްތަކުން އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަށް ދެނެގަނެ ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.