2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު 74،498 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ޣައްޒާގެ ހަތަރު މީހުން ޝަހީދުވެ 12 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 1،538 މީހަކު ޝަހީދުވެފައިވާއިރު، 5،498 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި އިމާރާތްތަކުގެ ދަށުން 800 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ނަގާފައެވެ.
ޣައްޒާގެ މިއަދުގެ ހާލަތަކީ ދުނިޔޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އިންސާނީ ކާރިސާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އުމްރާނީ ބިނާތަކުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ.
ސިއްހީ ނިޒާމު މުޅިންހެން ފުނޑިފައިވާއިރު، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ނުލިބުމާއި، ކާބޯތަކެއްޗާއި ސާފު ފެން ނުލިބުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އިންތިހާއަށް ދަތި ހާލެއްގައި ދިރިއުޅެމުންދާކަން ބައިނަލްއަގްވާމީ އިދާރާތަކުން ފާހަގަކުރެއެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގެދޮރު ގެއްލި، ރެފިއުޖީ ކޭމްޕުތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެން މަޖުބޫރުވެފައެވެ. ބައިނަލްއަގްވާމީ މުޖުތަމައުން ގިނަ ގޮވާލުންތަކެއް ގޮވާލި ނަމަވެސް، އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މީގެ އިތުރުން މި ހަނގުރާމައަކީ މުޅި މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް ބޮޑު ބިރުވެރިކަމެއް ކަމުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.