މޫސުން ގޯސްވެ، ކުޅުދުއްފުށި ސިޓީން 190 ގިނަ ގެއެއް ފެންބޮޑުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ހދ. އަތޮޅުގެ އަދާހަމަ އާންމުކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ކުޅުދުއްފުއްޓަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލުން ދަނީ އެ ގެތަކުގެ ހާލަތު ބަލަމުން ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭ އިން ބުނީ، ކައުންސިލް، ޕޮލިސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި ކުޅުދުއްފުއްޓަށް މިވަގުތު ވާރޭ ހުއްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ހދ. ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއެއް ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ، ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވީ ނަމަވެސް މީހުން ހުސްކުރަންޖެހޭ ހާލަތަކަށް އަދި ގޮސްފައިނުވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ، ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި މިހާރުވެސް ވާރޭ ވެހެމުންދާކަމަށް ކައުންސިލުން މައުލޫމާތުދޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެރަށްތަކުގެ ހާލަތު އެންޑީއެމްއޭ އިން ދަނީ ބަލަމުން ކަމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާއި ގުޅިގެން އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމްވެސް ހަމަޖައްްސަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.