ރާއްޖެއާއި ޕާކިސްތާނާއި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް އިޤުތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ރޭ ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ ދެ ޤައުމުގެ ވެރިން އެއްތަނަކުން ފެނިގެންދިއުމަކީ، ދެމެހެއްޓެނިވި އަދި ވަރުގަދަ އިޤުތިޞާދީ ގުޅުން ބިނާކުރުމަށް ދެ ޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.އަދި ދެ ޤައުމުގެ ވެރިންގެ ދަތުރުފުޅުގެ ތެރެއިން، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރީގެ މުޢާމަލާތްތައް މިހާރު ހުރި 13 މިލިޔަން އެމެރިކާ ޑޮލަރުން 200 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ރާއްޖެއިން ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ފޯރަމުގެ މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލާއި، މުހިންމު ދާއިރާތަކުގެ އިތުރުން އަލަށް އުފެދެމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރާނެ ކަމަށެވެ. އަދި ދެ ޤައުމުގެ ވިޔަފާރިވެރިންވެސް އެ ސެޝަންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެފަރާތަށް ފައިދާހުރި ދާއިރާތައް ދެނެގަނެ، ގުޅުން ބަދަހިކުރުމަށް ސައީދު ވަނީ ހިތްވަރުދެއްވާފައެވެ.