ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ގޮވާލައްވައި، ރާއްޖެއާއެކު ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ވާހަކަފުޅު ދައްކަވައި، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވާފައި ވަނީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަޤުރީރުކުރައްވަމުންނެވެ.
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޖަޒީރާ ޤައުމެއްގެ ޤައުމީ ސަލާމަތަށްޓަކައި، ހަރުދަނާ ސަޕްލައި ޗެއިނެއް އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޯލްޑް ޗެއިން ލޮޖިސްޓިކްސްއާއި، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތަކާއި، ޒަމާނީ ފެންވަރުގައި ކާބޯތަކެތި ޕްރޮސެސްކުރުމުގެ އިތުރުން މޫސުމާ ރައްޓެހި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގައި ވުނަކުރުމަށް އެ މަނިކުފާނު ދަޢުވަތު ދެއްވިއެވެ.
ކަނޑުމަގުން ގުޅިފައި އޮންނަ ގުޅުމަކީ އިޤްތިޞާދުގެ މައި ނާރެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ، ސީދާ މިފަދަ ރާސްތާތަކުން ގުޅާލުމަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަންވެސް އެ މަނިކުފާނު އިޢުލާންކުރެއްވިއެވެ.
މުޅި ރާއްޖޭގައި ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައި، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ސާމާނަށް އޮތް ޑިމާންޑް ފުއްދުމަށްޓަކައި، ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ބޭސް އުފައްދާ ކުންފުނިތަކާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރައީސް މަރުޙަބާ ވިދާޅުވިއެވެ. ބޯހިޔާވަހިކަމާއި، ބިން ހިއްކުމާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއެކު ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގ ކުންފުނިތަކަށް މި ތަރައްޤީގެ ބައިވެރިންނަށް ވުމަށް ދަޢުވަތު ދެއްވާފައެވެ. އެގޮތުން، އެފަރާތްތަކުގެ ތަޖުރިބާއާއި، ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ގުޅިގެން މަސައްކަތްކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ހަމައެއާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގައި ވުނަކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ފައިނޭންސާއި، ޙަލާލް އުފެއްދުންތަކާއި، ޙަލާލް ފަތުރުވެރިކަމަށް އޮތް ޑިމާންޑާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ޝަރީޢާ ކޮމްޕްލަޔަންޓް ފައިނޭންސިންގ އާއި، ސުކޫކް ދޫކުރުމާއި، ޙަލާލް ވެލިއު ޗެއިންތަކުގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް، ޕާކިސްތާނުގެ މާލީ އިދާރާތަކަށާއި ވިޔަފާރިތަކަށް ރައީސް ބާރުއެޅުއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންވެސްޓަރުންނަށް ފަހި، ވިޔަފާރިއާ ރައްޓެހި ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މި ފޯރަމްގައި ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވަނީ، މި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.