ދިވެހިރާއްޖެއަކީ އިންވެސްޓު ކުރުމަށް ގިނަ ދާއިރާތަކެއް ހުރި ޤައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސްގެ ދެ ކަނބަލުންނާއި ދިވެހި ސަރުކާރުގެ އިސްވަފުދެއް ޕާކިސްތާނަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރާއްޖެ – ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޕާކިސްތާނަކީ އިޤުތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ޤައުމެއްކަމަށް ދެކޭ ކަމަށާއި، ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ އިޤުތިސާދަކީ ގުޅިފައިވާ ދެ އިޤުތިސާދު ކަމަށެވެ.

ރައީސް ވިދާޅުވީ ޖަޒީރާ ގައުމަކަށް ކަނޑުމަގުން ގުޅާލެވިފައި އޮތުމަކީ އިޤުތިސާދީ މައިނާރު ކަމަށާއި، ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކުރުމަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުން ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ދަތުރުފަތުރުގެ ގުޅުންތައް ޤާއިމުކުރުމަށް ރައީސް ވަނީ ހިތްވަރުދެެއްވާފައެވެ.

ފަތުރުވެރިކަމާއި، ސިނާއީ ދާއިރާތަކާއި، އިމާރާތް ކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާއަކީވެސް އިންވެސްޓުކުރުމަށް ފުރުސަތު ހުރި ދާއިރާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބަލާއިރު، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާ ކަމެއް ނޫން ކަމަށާއި، ޖަޒީރާ ގައުމަކަށްވީތީ، މެދުކެނޑުމެއްނެތް ސަޕްލައި ޗެއިނެއް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، ދިވެހިންނަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ގައުމެއް ނޫން ކަމަށާއި، ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ޕާކިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މިހާރުވެސް ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދޭ ކަމަށް ވިދާޅުވެފައެވެ. އަދި ޒަމާނީ ފުޑް ޕްރޮސެސިންގ، މޫސުމީ ބަދަލުތަކާއި ގުޅިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ އިންވެސްޓަރުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖެއާއި ޕާކިސްތާނާއި 2 ޤައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރުވެފައިވާއިރު، މި ގުޅުމަށް ހީނަރުކަމެއްނައިސް މިގޮތުގައި ދެމިއޮތީ އިތުބާރާއި ޔަޤީންކަމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.