މަސްތުވާތަކެއްޗާއެކު ވިލިމާލޭން ހައްޔަރުކުރި ފިލްމީ ތަރިންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ މީހުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބާރުގެ ބޭނުންކޮށްގެން ކޮޓަރިއެއްގެ ދޮރު ހުޅުވައިގެންނެވެ. ފުލުހުން ބުނީ އެ ވަގުތު ކޮޓަރީގެ މޭޒުމަތީގައި ފާޅުކަން ބޮޑުގޮތެއްގައި މަސްތުވާތަކެތި ހުއްޓާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހު (ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) ކަމަށެވެ. އޭގެ އިތުރުން އަޒްމީލުގެ ކޮއްކޮއެއް ކަމަށްވާ ޝާހިލު މުހައްމަދު ވެސް އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި އެވެ. އޭރު އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެ ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާތީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދެން ހުރި މީހާ ވެސް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތެވެ. އެ މީހުން އަތުލައިގަތް ސީނުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޓްރެފިކިން މިންގަނޑު ހަމަވާ ވަރަށް މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ބުނެފައެވެ.