ވިއްކަން ބަހައްޓާ މުދަލުގެ އަގުނުޖަހާ 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ޕޯސްޓެއްގައި ބުނީ އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ކޮންސިއުމަރ ޕްރޮޓެކްޝަން އެކްޓް ނުވަތަ ވިޔަފާރިކުރާ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ފިހާރައިގައި ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖެހުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމަށެވެ. މިކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މި މަހުގެ 15 އިން 20 އަށެވެ.
މިދިޔަ ހަފުތާގައި ބަލައި ފާސްކުރި 34 ފިހާރައިގެ ތެރެއިން 17 ފިހާރައެއްގައި ޤާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޤާނޫނާއި އެއްގޮތަށް އަގު ޖެހުމަށް އަންގާ 17 ފިހާރައަކަށް ނޯޓިސް ދީފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަ ނަމަ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑަކީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމުން ކަމަށާއި، އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުންނަން ޖެހޭނެ ކަމަށެވެ.