މިދިޔަ އޮގަސްޓްމަހު މާލެއާއި އަތޮޅު ތެރޭގައި ކާބޯތަކެތީގެ އަގު ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ވަނީ %5.8 ދަށްވެފައެވެ. އެގޮތުން އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ، ޖޫން މަހުގެ ތެރޭގައި، %7.8 އަށްކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އަތޮޅުތެރޭގެ ރަށްތަކުގައި އިންފްލޭޝަން ދިޔައީ ވަަރަށް ބޮޑަށް އުފުލެމުންނެވެ. މިގޮތުން މިދިޔަ އޭޕްރީލް މަހު އިންފްލޭޝަން %5.8ގައި ހުރި މެއި މަހު %6 ގައި އަދި ޖޫން އަދި ޖުލައި މަހު އިންފްލޭޝަން އުފުލުނު މިންވަރު ހުރީ %7.1 ގައެވެ. ނަމަވެސް އޮގަސްޓް މަހުގެ އިންފްލޭޝަން ވަނީ %5.4 އަށް ދަށްވެފައެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ބުނީ މިދިޔަ އޮގަސްޓް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ރޭޓު ހުރީ %9 ގައި ކަމަށެވެ. މި އަހަރުގެ މާރިޗު މަހުން ފެށިގެން ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ، ވަރަށް ބޮޑަށްވެސް އުފުލިފައެވެ. އޭޕްރީލް މަހު އިންޕްލޭޝަން ރޭޓު ވަނީ، %10.2 އަށް އުފުލިފައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި ދަތުރުފަތުރުގެ އަގުތައް އުފުލުނަސް، އެހެން ދާއިރާތަކުން އަގުތައް އުފުލޭ މިންވަރު ދަށްވުމުން ޖުމްލަގޮތެއްގައި އިންފްލޭޝަން ރޭޓު ހުރީ، %1.8 ގައެވެ.