ފާއިތުވި 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވަރޭ ވެހުނީ ގއ. ގެމަނަފުއްޓަަށް ކަމަށް މުސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.
މެޓުން ވަނީ އިއްޔެގެ ހެނދުނު 8:00 އިން މިއަދުގެ 8:00 ގެ ތެރޭގައި ވާރޭ ރެކޯޑު ކޮށްފައިވާ ރަށްތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެރހިފައިވަނީ ގއ. ގެމަނަފުއްޓަަށް ކަމަށްވީ އިރު، އެރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 90.3 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކަށް ބަލާލާއިރު، މާލެއަށް 90 މިލިމީޓަރު، ގދ. ތިނަދޫ އަށް 84.1 މިލިމީޓަރު، އދ. މަހިބަދޫ އަށް 81.6 މިލިމީޓަރު، ގދ. ކާޑެއްދޫ އަށް 80.6 މިލިމީޓަރު ހިމެނެއެވެ.
މިހާރު ކުރަމުން މިދާ ވިއްސާރާގައި ރާއްޖެތެރޭގެ އެކި ރަށްތަކުގެ އިތުރުން މާލޭގެ ބޮޑު ސަރަހައްދެއް ވަނީ ފެން ބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން އެކިއެކި ފަރާތްތަކަށް އެކި ވަރުވަރުގެ އުންދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ފެންބޮޑު ވަނީ މަގުތައް ތަރައްގީކުރުމުގެ ނަމުގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް އެ ސަރަހައްދުތަކުން ނެގުމުގެ ސަބަބުން ކަމަށް އަޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ.