ފެން ބޮޑުވަނީ މަގު ހަދަންށޭ ބުނެ، ފެން ހިންދާ ޕަމްޕްތައް ނެގުމުން ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ރައީސް ފައިސަލް ނަސީމްގެ ރަނިން މޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ ގުޅިގެން އަޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި މިދިޔަ ދެ އަހަރެއްހާ ދުވަހު މާލެ ސިޓީ ކައުންސިލުން ކުރި ބުރަ މަސައްކަތުން، މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަރަށް އެދެވޭ އަދި ރަނގަޅު ހައްލެއް ހޯދިފައި ވަނިކޮށް، އަނެއްކާވެސް މިއަދު ރައްޔިތުން އެފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މި މައްސަލަ މިހާ ބޮޑުވެގެން މިދިޔައީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ފެން ހިންދާ ޕަމްޕްތައް އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ކުއްލިއަކަށް އެ ސަރަހައްދުތަކުން ނެގުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން، މާލޭގެ ސްޓޯރމް ވޯޓާ ސިސްޓަމް ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ، މުޅި ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ، ނަގާފައިވާ ޕަމްޕްތަކަށް އަވަސް ބަދަލު ހައްލެއް ހޯދައި، ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ހަރުދަނާކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެދިލައްވާފައެވެ. އަދި ރައްޔިތުންނަށް ލިބޭ ތަކުލީފުތަކަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން މިހާރުން މިހާރަށް ގުޅިގެން މަސައްކަތް ކުރުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެންއޭ އިން ވަނީ މި ވިއްސާރައިގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން ރޭ 11 ޖެހުމާ ހަމައަށް 1 ގެއަކުން ނަޖިސް ލީކުވުމުގެ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެންއޭ އިން ބުނެއެވެ.
އެންޑީއެންއޭ އިން އާންމުކޮށްފައިވާ ތަފަށް ހިސާބުތަކުން ދައްކާގޮތުގައި، ފެންބޮޑުވިޔަ ނުދިނުމަށް ވެލިބަސްތާ ޖެހުމަށް އެދިފައިވާ ތަންތަނުގެ ތެރޭގައި، 33 ގެ، 35 ފިހާރަ، 6 ކެފޭ / ރެސްޓޯރަންޓް، 5 ސަރުކާރާއި އަމިއްލަ އެކި އިމާރާތް، 4 ސްކޫލް، 2 ކްލިނިކް، 2 ގުދަން، 1 އޮފީސް އިމާރާތް އަދި 1 ކޮންސްޓްރަކްޝަން ސައިޓް ހިމެނެއެވެ.
ވެލިބަސްތާ ޖަހައިދިނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ރޭ ދަންވަރު 12 ޖެހުމުގެ ކުރިން 31 ތަނަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި ބާކީ ހުރި ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ކަމާގުޅުންހުރި އެކި މުއައްސަސާތަކާ ގުޅިގެން މި އޮތޯރިޓީން ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.