ދެފުށް ފެންނަ އަދި މާނަހުރި ގޮތެއްގައި މަޝްވަރާކުރުމެއްނެތި، މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމުގެ ނިންމުންތައް ނިންމަމުން ގެންދާތީ، އެކަމުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވީއެންމެ އަވަހަކަށް ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ، މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުމަށް ވެސް ކައުންސިލްގެ ތަޅުމުން ފާސްކޮށްފައެވެ.

މި ނިންމުންތައް ނިންމާފައި ވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ފާސްކޮށްފައި ވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ވީހާވެސް އަވަހަކަށް ރައްޔިތުންގެ ބައްދަލުވުން ބާއްވައި، ކައުންސިލްގެ ރަސްމީ ސްޓޭޓްމަންޓް އާންމުކުރައްވާނެ ކަމަށެވެ. އަދި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަންކަން ކުރަމުންދާނަމަ ކައުންސިލުން އެއްބާރުލުން ނުދޭނެ ކަމަށާއި، ކައުންސިލް އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންނާއި އެކުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުމެއް ނޫން ދިވެހިރާއްޖޭގެ ބިންތައް ބޭރު މީހުންނަށް ވިއްކާ، އެ ބިންތަކުގައި އެކި ދީންތަކުގެ މީހުން އައިސް ނާޗަރަންގީ ކުޅޭކަށް. ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުމެއް ނޫން ނުއަގުގައި ރާއްޖޭގެ އެއްވެސް ތަނެއް ކުއްޔަށް ދޭކަށް،"

މޭޔަރު އާޒިމް

މީގެއިތުރުން، އަޅުގަނޑުމެން ދުނިޔެ ދޫކޮށް ދިޔުމަށްފަހު ފަލަސްތީނަށް ވެގެންދިޔަ ފަދަ ހިތާމަވެރި ހާލަތެއް މި ޤައުމަށް މެދުވެރިވާން ދިވެހި ރައްޔިތުން ބޭނުންނުވާނެ ކަމަށް ފާހަގަކުރައްވަމުން، މޭޔަރު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިލްޟްވާން ޢަލީ ވިދާޅުވީ، ދިވެހިރާއްޖެއިން އެއްވެސް ބިންކޮޅެއް ވިއްކުމަށް އެއްބާރުލުން ނުދޭނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގައި ޓީވީތަކަށް އަރައި ދިވެހި ބިން ވިއްކާލަނީއޭ ކިޔައިގެން ރުއި މީހުންގެ އަޑެއް މިހާރު ނީވޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ މި ބައްދަލުވުން ވަރަށް އަވަހަށް ބޭއްވުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.