ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، 25 އޮކްޓޫބަރު 2026 އިން ފެށިގެން ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީ.އައި.އޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރެވޭނެ ކަމަށެވެ.

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުޅި ވިންޓަރ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ އެއަރލައިންސް، އުޒްބެކިސްތާނުގެ ސެންޓްރަމް އެއަރ، ރަޝިޔާގެ އަޒުރް އެއަރ، ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ބަލްގޭރިއާގެ ގުލިވް އެއަރގެ އިތުރުން ފްރެންޗް ބީ އެވެ.

ެއެމްއޭސީއެލް އިން ބުނީ ކުރިން ބައިނަލްއަޤްވާމީ އުދުހުންތަކަށް ޚާއްޞަކުރެވިފައި އޮތް ޓާމިނަލް 2ގެ ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާއެކު އަލުން 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް މިހާރު ފޯރުކޮށްދެވެމުން އަންނަނީ އެ ޓާރމިނަލްއިން ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނީ މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުޞަތުތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދެއް ޤާއިމުކުރެވިފައިވާނެ ކަމަށެވެ.

މި މަހުގެ 25 އިން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން، ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް އެންމެހާ ފަސިންޖަރުންނަށް އެމްއޭސީއެލް އިން އެދެއެވެ. ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށް ވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެމްއޭސީއެލް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.