ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ވ އަތޮޅަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވެނީ މިރޭ 10:30 އާ ހަމައަށްކަމަށެވެ. މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށެވެ. އެގޮތުން އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކަށް އަރަމުންކަމަށެވެ.

މީގެ ސަބަބުން ކުރިޔަށް އޮތް 24 ގަޑަިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ މާލެއަށް ވިއްސާރަކުރަމުންދާތީ އެމްއެންޑީއެފުން އަންނަނީ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.