ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިޙްސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބެލި ކޮމިޓީން ނިންމައިފައިވަނިކޮށް އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ އިޙްސާން އިސްތިއުފާ ހުށަހެޅުއްވީ މިއަދު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ މަގާމުން އިޙްސާން ވަކިކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ގާޒީ އިޙްސާންގެ މައްޗަށް ތުހުމަތުކުރެ ވެނީ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން، މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ޖޭއެސްސީން ވަނީ 60 ދުވަހުގެ މުއްދަތަކަށް އިހްސާން ސަސްޕެންޑްކޮށްފައެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވާފައި މިވަނީ އެ ސަސްޕެންޝަންގެ މުއްދަތު ހަމަނުވަނީސް، އަދި އެ މައްސަލައިގެ ތަޙްޤީޤު އެ ކޮމިޝަނުން ކުރިއަށް ގެންދަނިކޮށެވެ.