ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، އެ ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން މިއަދު ބުނީ ރޭ ދަންވަރު 1:30 އިން ފެށިގެން ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 އިންސައްތަ ގެތަކަށް ވަނީ ފެންވަދެފައިވާ ކަމަށާއި ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައި ނުވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އެ އޮތޯރިޓީން ބުނީ މި ވަގުތު އެ ރަށު ކައުންސިލުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ފިޔޯރީ ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނައިރު، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ.
މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި ފިޔޯރީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވާތީ، ޕަމްޕު ބޭނުންކުރުމުގެ އިތުރުން ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.