ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި ރައީސް މުޢިއްޒު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

އެ ބަޔާން ދެއްވާފައި ވަނީ ރާއްޖެއާ ޕާކިސްތާނާ ދެމެދު މިއަދު އެކުލަވާލެވުނު 20 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހުއެވެ. އެ ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު ފުރުނުއިރު މިއަދު މި އެޅިގެންދާ ބިންގަލަކީ އަނެއްކާ ވެސް އާ މުސްތަގުބަލަކަށް ކޮށުނު މުހިންމު މަގެއް ކަމަށެވެ. އަދި އެ އެމްއޯޔޫތަކަކީ ދެ ގައުމުގެ ކުރިއެރުމަށް ވެސް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބަޔާނުގައި އެންމެ މުހިންމު ކަމަކަށް ރައީސް ފާހަގަކުރެއްވީ ރާއްޖެއާ ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރު ކުރަން ނިންމަވާފައިވާ ކަމަށެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މި އެމްއޯޔޫތަކާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށާއި، ބޭނުމަކީ ދެ ގައުމަށް ވެސް އުފާ ފާގަތި ކުރިއެރުމެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވަފުދެއް ހިމެނޭހެން ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސްމެއެވެ.