ރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ވަނީ އެކި ދާއިރާތަކުން 20 ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި، ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި، ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި،މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްވެސް ހިމެނެއެވެ.

މީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބާ ސެކިއުރިޓީ އާއި އޭއައި އާއި ޑިޖިޓަލް ސްކިލްސް އަދި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއިޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމާއި، ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުމާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމާއި ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވުޒާރާ އާއި ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނާއެކުވެފައިވާ އެއްބަސްވުން ހިމެނެއެވެ.

ރާއްޖެއާ ޕާކިސްތާނާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ މި ތާރީޚީ ދަތުރުފުޅަކީ، 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ، އެ ގައުމަށް ވަޑައިގަތުމާއެކު ޕާކިސްތާނުން ވަނީ ރައީސްގެ ދެކަނބަލުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔުއްވާފައެވެ. އަދި މިއަދު ވަނީ ރަސްމީކޮށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގެކޮޅުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.