މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށްރަށުގެ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މަޖިލިސް ރައީސްއަށް އެ އެލަވަންސް ދޭން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފްއެވެ. އެ ކޮމިޓީގައި ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރައަށް ބަދަލުތަކެއް ގެންނަން ހުށަހަޅާ ކަމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއެވެ.
އެ ބައްދަލުވުމުގައި އިދާރީ މޭޒުން ބުނީ މިހާރު މަޖިލިސް ރައީސްއަށް މަހަކު ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާ ކަމަށާއި، މި އަދަދަކީ މަޖިލީހުގެ ނައިބު ރައީސަށާއި މެންބަރުންނަށް ލިބޭ އަދަދަށްވުރެ ދަށް އަދަދެއް ކަމަށެވެ. އެގޮތުން ނައިބު ރައީސަށް 91,000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މެންބަރުންނަށް ކޮމިޓީ އެލަވަންސް ހިމަނައިގެން 82,500 ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށް އެ ކޮމިޓީގައި މައުލޫމާތު ދެމުން އިދާރީ މޭޒުން ބުނެފައި ވެއެވެ.
ނަމަވެސް މަޖިލިސް ރައީސްގެ މުސާރަކުޑަވުމުން 22،000 ރުފިޔާގެ އެލަވަންސެއް މަޖިލިސް ރައީސަށް ހަމަޖައްސަން ފްރޮޕޯސް ކުރާކަމަށް އިދާރީ މޭޒުން ބުނެފައި ވެއެވެ. އެގޮތުން މަޖިލިސް ރައީސަށް 95125 ރުފިޔާ، ނައިބު ރައީސަށް 91000 އަދި މެންބަރުންނަށް ލިބޭނީ 82500 ރުފިޔާކަމުން އެ ފަރާތްތަކުގެ މުސާރައިގެ ފަރަގު ތަފާތުވެގެންދާނެ ކަަމަށްވެސް އިދާރީ މޭޒުން މައުލޫމާތު ދީފައި ވެއެވެ.
މިގޮތުން މި ބަދަލު ގެންނަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މޫސާ ވަނީ ދެކޮޅު ހައްދަވާފައެވެ. ގަފޫރު ވިދާޅުވީ ދުނިޔޭގެ މަސްރަހު މިވަގުތު ހުރިގޮތުން އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަމަށް ގަބޫލު ނުވެވޭނެ ކަަމަށެވެ. ނަމަވެސް މި މައްސަލައަށް ކޮމިޓީގައި ބަހުސް ކުރެއްވުމަށްފަހު، މަޖިލިސް ރައީސަށް އެ އެލަވަންސް ހަމަޖައްސަން ޕީއެންސީގެ މެޖޯރިޓީއާއެކު މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން ރަށު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސާވިސް އެލަވަންސްއެއް އިތުރުކުރަންވެސް ވަނީ ހުށަހަޅާފައެވެ. އެ އެލަވަންސާއެކު ރަށު ކައުންސިލް ރައީސުންނަށް ލިބޭ މުސާރަ 30،500އަށް އިތުރުވެ، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ 25،000އަށް އިތުރުވާނެއެވެ. އަދި ކައުންސިލަރުންނަށް ލިބޭ މުސާރަ 23،000 ރުފިޔާއަށް އަރާނެ ކަމަށް އިދާރީ މޭޒުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ހުށަހެޅުމުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެމުންދާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށްވެސް ބަދަލު ގެންނަންވެސް ހުށަހަޅާފައެވެ. އެ ކޮމިޓީއަށް ހުށަހެޅީ ޕެޓްރޯލް އެލަވަންސް 2،000 ރުފިޔާއަށް، ޑްރައިވިން މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ދިނުމަށެވެ. އެއީ ޖުމުލަ 17،000 ރުފިޔާގެ ޕެކޭޖެކެވެ.
އެ ހުށަހެޅުމާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި ދަނޑިވަޅުގައި އެ ބަދަލު ގެންނަން ތާއިދުނުކުރައްވާ ކަމަށާއި މިހާރު ރާއްޖެ މި އޮތް ހާލަތަށް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓަށް އޭގެއިން އެތައް ބައިވަރު އިމްޕްލިކޭޝަން އަންނާނެ ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ އެ ބަދަލުތައް ގެންނަން ފާސްކޮށްފައެވެ.